Thursday, November 10, 2011

ފެންޓަސީ ބޭކަރީގެ މައްސަލަ


މާލޭގައި، ފެންވަރު ރަނގަޅު ކާބޯތަކެތި ވިއްކާކަމަށް ޤަބޫލުކުރެވޭ ފެންޓަސީ ބޭކަރީއާ ދެކޮޅަށް ކުރިމަތިވެފައިވާ ތުހުމަތުތަކާ ގުޅިގެން ތަފާތު އެކި ފަރާތްތަކުން އެކި ވާހަކަތައް ދައްކަމުން އެބަގެންދެއެވެ. އެމައްސަލައިގައި އަޅުގަނޑަށް ފާހަގަކުރެވޭ ބައެއް ކަންކަން ބަޔާންކުރެވޭތޯ ބަލައިލާނަމެވެ.
ތަޙްޤީޤުކުރަން އަމުރުކުރުން
ފެންޓަސީ ބޭކަރީގައި، މުއްދަތު ހަމަވެފައިވާ ތަކެތި ބޭނުންކޮށްގެން ކާބޯތަކެތި އުފައްދާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ މަޢްލޫމަތު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބުމާއެކު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) އިން ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިދޭ ބާރުގެ ދަށުން، ފުލުހުންނަށް ތަޙްޤީޤުކުރުމުގެ އަމުރެއް ނެރެފައިވެއެވެ. މިއީ މިބާވަތުގެ އަމުރެއް ޕްރޮސިކިއުޓަރ ޖެނެރަލް ނެރުމުން، އެންމެ ބާރަށް ފުލުހުން ތަހްޤީޤު ކުރަމުންދާ މައްސަލަ ކަމަށްވެސް ބެލެވޭ ސަބަބުތަކެއް އެބަހުއްޓެވެ.  
ތުހުމަތުކުރެވޭ ކުށް
މިހާތަނަށް ލިބިފައިވާ މަޢްލޫމާތުތަކަށް ބަލާއިރު، ފެންޓަސީ ބޭކަރީގެ ޒިންމާދާރު ފަރާތްތަކުން ޖިނާއީ ކުށްތަކެއް ކޮށްފައި ހުރެދާނެކަމަށް ބެލެވެއެވެ. އެކަންކަން ޔަޤީންވާނީ، ފުރިހަމަ ރަނގަޅު ތަޙްޤީޤެއް ކުރެވިގެންނެވެ. އެތަޙްޤީޤު މިހާރު ފުލުހުން އެގެންދަވަނީ ހިންގަވަމުންނެވެ.
ޤާނޫނުލްޢުޤޫބާތު
ޤާނޫނުލްޢުޤޫބާތަކީ 1968 ވަނަ އަހަރު ތަޞްދީޤު ކުރެވިފައިވާ ޤާނޫނެކެވެ. އޭރުވެސް، ކާބޯތަކެތި ގަޑުބަޑުކުރުމަކީ ކުށެއްކަމަށް އޭރުގެ މީހުންވެސް ޤަބޫލުކުރިއެވެ. ޤާނޫނުލްޢުޤޫބާތުގައި ކާބޯތަކެތި ގަޑުބަޑުކުރުމާބެހޭ ގޮތުން ހުރި މާއްދާތައް ވަރަށް ސާފެވެ.
ޤާނޫނުލްޢުޤޫބާތުގެ 101 ވަނަ މާއްދާގައި އޮންނަނީ؛
"އެނގިހުރެ، ނުވަތަ އެނގެންވީ ސަބަބުތަކެއްހުރެ، މީހަކ ނުލަފާކަމުން ކުރާ ޢަމަލަކުން ޖަމާޢަތުގެ ޢާންމު ޞިއްޙަތަށް ގެއްލުމެއް ނުވަތަ ނުރައްކަލެއް މެދުވެރިވާފަދަ ބައްޔެއްގެ ޖަރާސީމު ފެތުރިއްޖެނަމަ، ނުވަތަ އެޢަމަލަކީ އޭގެ ސަބަބުން މިބުނިފަދަ ގޮތެއް މެދުވެރިވެދާނެ ޢަމަލެއްކަމަށް ވިޔަސް، އެޢަމަލުކުރި މީހަކީ ކުށްވެރިއެކެވެ. މިފަދަ ކުށްވެރިޔާގެ އަދަބަކީ ގިނަވެގެން ދެއަހަރު ދުވަހަށް ދެބާވަތުންކުރެ ބާވަތެއްގެ ޖަލަށްލުން ނުވަތަ ގިނަވެގެން ދެއަހަރަށް އަރުވާލުން ނުވަތަ ޖޫރިމަނާއެއް ކުރުމެވެ." މިހެންނެވެ.
ޤާނޫނުލްޢުޤޫބާތުގެ 103 ވަނަ މާއްދާގައި އޮންނަނީ؛
"ވިއްކާނެކަން އެނގިހުރެ ނުވަތަ ވިއްކުމަކީ އެކަށީގެންވާ ކަމެއްކަން ދެނަހުރެ، ކާބޯތަކެތީގެ ފައިދާ ކުޑަކުރުމުގެ ޤަޞްދުގައި ނުވަތަ އޭގެ ބޭނުން ކުރުމުން ގެއްލުމެއް ލިބޭނެކަން އެނގިހުރެ، ގަޑުބަޑުކުރުމަކީ ކުށެކެވެ. ހަމަ މިގޮތަށް، ވިޔަފާރީގެ ފައިދާއަށްޓަކައި ކާބޯތަކެތި ގަޑުބަޑުކުރުމަކީވެސް ކުށެކެވެ. މިފަދަ ކުށްވެރިޔާގެ އަދަބަކީ ގިނަވެގެން 6 މަސްދުވަހަށް ޖަލަށްލުން ނުވަތަ ގިނަވެގެން 6 މަސް ދުވަހަށް އަރުވާލުން ނުވަތަ ގޭގައި ޖޫރިމަނާއެއް ކުރުމެވެ." މިހެންނެވެ.
ޤާނޫނުލްޢުޤޫބާތުގެ 104 ވަނަ މާއްދާގައި އޮންނަނީ؛
"ޞިއްޙަތަށް ގެއްލުން ލިބިދާފަދަ ކާބޯތަކެތި ވިއްކުން، ދިނުން ނުވަތަ މިއިން ކަމަކަށްޓަކައި ތައްޔާރުކުރުމަކީވެސް ކުށެކެވެ. މިފަދަ ކުށްވެރިޔާގެ އަދަބަކީ، ގިނަވެގެން 6 މަސްދުވަހަށް ޖަލަށްލުން ނުވަތަ 6 މަސްދުވަހަށްވުރެ ގިނަނޫން މުއްދަތަކަށް އަރުވާލުމެވެ. ނުވަތަ ޖޫރިމަނާއެއް ކުރުމެވެ." މިހެންނެވެ.
މިދެންނެވި މާއްދާތަކަށް ބަލާއިރު، 1968 ވަނަ އަހަރުވެސް، ކާބޯތަކެތި ގަޑުބަޑުކޮށް ހެދުމުގެ ނުރައްކާތެރިކަން، އޭރު ޤާނޫނު ހަދަން ތިބި މީހުންނަށްވެސް ފާހަގަ ކުރެވިފައިވެއެވެ. އެކަންކަމަށް އޭރުގެ ނިސްބަތުން ކަނޑައަޅައިފައިވާ އަދަބުތައްވެސް ބޮޑެވެ. މިއަދުވެސް، ރައްޔިތުންގެ ޝުޢޫރު ހުރީ، ކާބޯތަކެތި ގަޑުބަޑުކޮށް، މުއްދަތު ހަމަވެފައިވާ މުދާ ވިއްކުމަކީ ރުހޭނެ ކަމެއް ނޫންކަން ދޭހަވާ ގޮތަށެވެ. އެކަން، ދުވަހު ނޫސްތަކުގައި ޢާންމުން ފާޅުކޮށްފައިހުރި ޚިޔާލުތަކުން ސާފުކޮށް އެނގެއެވެ.
ދުނިޔޭގެ އެހެން ޤައުމުތަކަށް ބަލާއިރު، 2008 ވަނަ އަހަރު ޗައިނާގައި ކިރުގެ ބާވަތަކަށް މެލަމިން ހިމެނޭ މާއްދާއެއް އެޅިކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި، ޗައިނާގެ އިދާރާތަކުން، އަވަސް، ހަރުކަށި ފިޔަވަޅު އަޅައި، އެކަން އިތުރަށް ތަކުރާރުނުވާނެކަން ޔަޤީންވާފަދަ ގޮތަކަށް ޢަމަލުކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ފެންޓަސީ ބޭކަރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
މިކަން މިހިސާބަށް ގޮސްފައިވަނިކޮށް، 8 ނޮވެމްބަރ 2011 ދުވަހު ފެންޓަސީގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފިއެވެ. މިމައްސަލަ މިހާ "ގޯސް" ވެފައިވަނީ، ފެންޓަސީން މީޑިޔާއަށް މަޢްލޫމާތު ދެމުން ނުދިއުމުގެ ސަބަބުން ކަމަށް ފެންޓަސީން ބުނާކަމަށްވެއެވެ. އަދި، އެތައް ހާސް އައިޓަމެއް ފިހާރައިގައި ވިއްކަން ހުރިއިރު، މުއްދަތު ހަމަވެފައިހުރީ އެންމެ ހަތަރުވަރަކަށް އައިޓަމްކަމަށް ފެންޓަސީން ބުނެއެވެ. އަދި، ބޭކަރީގައި ޕްރޮޑަކްޝަން ލައިނުގައި ބޭނުންކުރަން ހުރި އެތައް ސަތޭކަ އައިޓަމެއްގެ ތެރެއިން މުއްދަތު ހަމަވެފައި ހުރީ އެންމެ އައިޓަމެއްކަމަށްވެސް ބުންޏެވެ. އަޅުގަނޑު ހިތަށް އަރަނީ، މުއްދަތު ހަމަވެފައިހުރި ހަމަ އެންމެ އެއްޗެއްވެސް އެތަނުގައި ހުރުމަކީ ކޮން ގޮތަކުން ހުއްދަ ކުރެވިދާނެކަމެއް ބާއެވެ؟
ފުޑް އެންޑް ޑްރަގް އޮތޯރިޓީ ނުވަތަ މިހާރުގެ ސިޓީ ކައުންސިލުގެ ދައުރު
މިނިސްޓްރީ އޮފް ހެލްތުގެ ދަށުން މަސައްކަތްކުރާ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ބެލުމުގެ ދަށުން ހިނގަމުން އައި، ފުޑް އިންސްޕެކްޝަން ސެކްޝަން، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން، މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށަށް ބަދަލުވެފައިވާ ސެކްޝަނެކެވެ. މާލެ ސިޓީ ކައުންސިލުން ޤަބޫލުކުރައްވާ ގޮތުން، މުއްދަތު ހަމަވެފައި ހުންނަ ތަކެތި ބޭނުންކޮށްގެން ކާބޯތަކެތި ހަދައި ވިއްކުމަކީ، މާލެ ސިޓީ ކައުންސިލްގެ އިޚްޠިޞާޞްގެ ތެރެއަށް ފެތޭ ކަމެއްކަމަށެވެ. އެކައުންސިލުން ޤަބޫލުކުރާ ގޮތުގައި މިފަދަ މައްސަލަތަކުގައި ފިޔަވަޅު އެޅުމަކީ އެކައުންސިލުގެ ބާރުގެ ދަށުގައި އޮތް ކަމެއްކަމަށެވެ. ނަމަވެސް، ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ހ) ނިޔާކުރާ ގޮތުން، ޖިނާއީ ކަމެއް ހިނގާނަމަ، އެކަމެއްގެ ދަޢްވާ އުފުލައި، އެކަން ހިންގުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލް ފިޔަވައި އެހެން ފަރާތަކަށް ބާރު ލިބިފައިވާކަމާމެދު ސުވާލު އުފެދެއެވެ.

ނަމަވެސް، ސިޓީ ކައުންސިލުގެ ވިސްނުންފުޅު ހުރީ ރައްޔިތުންގެ ވިންދާ ގުޅިފައެވެ. ޕްރޮސިކިއުޓަރ ޖެނެރަލާއި ފުލުހުންގެ މަސައްކަވެސްމެއެވެ. މިމައްސަލަ އަވަހަށް ތަޙްޤީޤުކޮށް، ފިޔަވަޅެއް އަޅަންޖެހޭ ފަރާތެއްވާނަމަ، އެފަރާތަކާމެދު ޤާނޫނުގައިވާ ގޮތުގެ މަތިން އެޅެން އޮތް ފިޔަވަޅެއް އަވަހަށް އަޅަންވީއެވެ. ފެންޓަސީ ބޭކަރީން ކުޅަ ކަމަކީ ކުށަކަށް ނުވާނަމަ، އަވަހަށް އެބޭކަރީގެ ވިޔަފާރި ފަށަން ހުއްދަ ދޭންވީއެވެ. އޭރުން، ޖިނާއީ ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރާ މުއައްސަސާތަކުގެ އިތުބާރު، ރައްޔިތުންގެ ކުރިމަތީގައި އިތުރުވެގެންދާނެއެވެ. ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަކީ ހުރިހާ މީހުންގެ ޙައްޤުތައްވެސް ހަމަހަމަކަމާއެކު ރައްކާތެރިކޮށްދޭން ތިބޭ ބައެކެވެ.